ޑރ. އަބްދުﷲ މުއްތަލިބް

ރަސްމާލެ ހިއްކަން ހިނގި ހަރަދެއް ނޭނގޭ: މުއްތަލިބް

ރަސްމާލެ ހިއްކަން ހިނގި ހަރަދު ނޭނގޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ރަސްމާލެއަށް ދައުލަތުގެ ބަޖެޓާއި ބަޖެޓުގެ ބޭރުން ހިނގި ހަރަދު ސާފު ކުރުމަށް ސުވާލުކޮށްފަ އެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކަނީ ފިނޭންސް މިނިސްޓްރީން އެމްއޭސީއެލްގެ އިތުރުންވެސް ބައެއް ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށާއި އެހެންވެ އެކަމަށް ހިނގި ހަރަދު ނޭނގޭ ކަމަށެވެ.

"އެހެންވީމަ އޭގެ ފައިނޭންޝިއަލް ޑީޓެއިލްސްތަކެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑުގެ އިންޓްރެސްޓް ހުރީ އެތަން ބިން ހިއްކާފައި ވިހާވެސް އަވަހަކަށް އާބާދު ކުރުން،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ ބިންތައް ބަހާލާފައިވާ ކަމަށާއި ބޯހިޔާވަހިކަމަށް ރަސްމާލެއަކީ ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މަޝްރޫއެއް ކަމަށެވެ.